މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ އެޕްރީލް 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި، ސިވިލް ސަރވިސް ނުވަތަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. މީގެއިތުރުން، ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައިވެސް ވެގެން ނުވާނެ އެވެ.
މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރުގެ އިތުރުން، ކުށާއި ދަރަނީގެ ރެކޯޑު އަދި ވަނަވަރު ރައީސް އޮފީހަށް ހުށަހަޅަންޖެހޭނެ އެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުން ވަކިކުރަން ނިންމާފައިވަނިކޮށް، ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.



