މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަފްތާގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަ ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މާދަމާ ވެސް ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރުމާއެކު އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.
ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ބޯކޮށް ވާރޭވެހުމާއިއެކު، ގުގުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުނެފައިވެ އެވެ.
މިއަދު ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދުތަކަށް ވައި މަޑުވާނެ ކަމަށާއި، ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ހަފްތާގައި މޫސުން ގޯސްވާނެކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް މަސްވެރިންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓު އޮފީހުން ވަނީ އެދިފަ އެވެ.



