ސިވިލް ސަރވިސް ކޮމިޝަނުން އުނިކުރި ޖަމާއަތްތެރިންގެ ”ގަބުރުސްތާން އެލަވަންސް“ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވުނު ކައުންސިލުގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ”ޖަމާއަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތްތަކެއް ކުރާ ބައެއް، އެމީހުންގެ އެލަވަންސް ކުއްލިއަކަށް ވަކި ސަބަބެއް ނެތި އުނިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން“ ކަމަށެވެ. އަދި ޖަމާއަތްތެރިންގެ މުސާރައިން އުނިކުރި 1,500 ރުފިޔާ ދެން ދެމުން ގެންދާނީ ކައުންސިލުގެ ބަޖެޓުން ކަމަށާއި، މިކަން ކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށް މޭޔަރ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ފާހަގަކުރެއްވި ގޮތުގައި، ބަރަކާތްތެރި ރަމަޟާން މަހެއްގައި ވަކި ސަބަބެއް ނެތި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ކަމެއް ކުރުމުން ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސްތައް ވެސް ކަނޑާލުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުވި ސަރކިއުލަރގައި ބަޔާންކޮށްފައިވަނީ، މި އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަށް، ކައުންސިލުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް އަމަލުކުރުމަށް އެދޭކަމަށެވެ.
މި ނިންމުމުގެ ކުރިން، މޭޔަރ އާޒިމް ވަނީ އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތްކުރާ ޖަމާއަތްތެރިންނާ ބައްދަލުކުރައްވާފަ އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)



