ގޯލްޑަން ފުޓްސަަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި 7-4 ގެ ނަތީޖާއަކުން އދ. މަހިބަދޫ ބަލިކޮށް، ހދ. ނައިވާދޫ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނައިވާދޫން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ.
މެޗު ފެށިގެން އަށްވަނަ މިނެޓުގައި ނައިވާދޫގެ ކެޕްޓަން، އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި އަބްދުالله ވިސާމް ވަނީ ނައިވާދުއަށް ލީޑު ފުޅާކޮށްދީފައެވެ. މަހިބަދޫން ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަނިކޮށް، އައްމަޑޭ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މުހައްމަަދު ޝާއިން ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ނައިވާދޫން ވަނީ ފަސް ލަނޑުގެ ބޮޑު ލީޑެއް ނަގާފައެވެ. ހާފުގެ ފަހު މިނެޓުގައި އާދަމް ނާއިލް ވަނީ މަހިބަދޫއަށް ލަނޑެއް ޖަހައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އާދަމް ފަހުމާން ވަނީ ލަނޑެއް ޖަހައި، މަހިބަދޫއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޝާއިން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އަނެއްކާވެސް ނައިވާދުއަށް ލީޑު ފުޅާކޮށްދީފައެވެ.
މަހިބަދޫން ވަނީ ފަރަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ފަހުމާން ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނަމަވެސް، އެ ޓީމަށް އިތުރު މައްސަލައެއް ދިމާވީ މެޗުގެ ފަހު ވަގުތު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި، ޔޫސުފް ޝާއިފް ވަނީ ނައިވާދޫގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިވާދޫގެ ޝާއިން އެވެ.
ސެމީ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ނައިވާދޫ ނިކުންނާނީ ލ.ގަމާ ދެކޮޅަށެވެ.



