ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ)، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ނަގާ ގްރީން ޓެކްސް އަދި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މިއަދުގެ ޖަލްސާގައި ވަނީ މިޅި މަޖިލީހުން ބިލްތައް ދިރާސްކޮށް ނިންމައި، ކޮމެޓީ ރިޕޯޓްތައް ހުށަހަޅައިފަ އެވެ. އެ ކޮމެޓީ ރިޕޯޓްތަކަށް އެއްވެސް މެމްބަރަކަށް އިސްލާހެއް ހުށަހަޅުއްވާފައެއް ނުވެ އެވެ.
މި ތިން ބިލުވެސް ފާސްކޮށްފައިވަނީ 80 މެންބަރުންގެ ވޯޓުން ނެވެ. ބިލްތައް ފާސްކުރުމާއި ދެކޮޅަށް ވޯޓުދެއްވީ 8 މެމްބަރުންނެވެ.
ޓީޖީއެސްޓީ ބޮޑުކޮށް، ގެނައި އިސްލާހް
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، 2025 މެއި 1 ގެ ނިޔަލަށް 16 ޕަސެންޓް ޓެކްސް ނަގާނެ އެވެ. އޭގެ ފަހުން، ޖޫން 1 އިން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް އިތުރުކުރެވޭނެ އެވެ.
މި ބަދަލާ ގުޅިގެން 2025 ގައި ދައުލަތަށް ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ގްރީން ޓެކްސް ބޮޑުކޮށް، ގެނައި އިސްލާހް
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހުގައި، ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ. މީގެ ދަށުން، ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް އެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު ނެގޭނެކަމަށް ބުނެފައިވެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، ކޮންމެ ދުވަހަކަށް 6 ޑޮލަރު ނެގޭނެ އެވެ.
މި ބަދަލު 2025 ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ގްރީން ޓެކްސް ނެގުމަށް ހުށަހެޅި މި އިސްލާހާއެކު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ 3.4 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށް 963.6 މިލިއަން ރުފިޔާ އިތުރު ވާނެކަމަށް ލަފާކޮށްފައިވެ އެވެ.
އެއާޕޯޓް ޓެކްސް ބޮޑުކޮށް، ގެނައި އިސްލާހް
ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި އިސްލާހުގައި، އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓުކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ އެންމެންގެ އަތުން 480 ޑޮލަރު ނެގުމަށް ހުށަހަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ހެދި ކޮސްޓް އެސްޓިމޭޓުގައި ބުނެފައިވަނީ މި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީ ތިން އަހަރު ތެރޭގައި ޖުމުލަ 5.39 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އާމްދަނީ 1.57 ބިލިއަން ރުފިޔާއިން އިތުރުވާއިރު 2026 ވަނަ އަހަރު 1.84 ބިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މި ބަދަލުތަކާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރުކުރާނެ ކަމަށް މަށް ބެލެވެ އެވެ.



