ރިޔާސީ ދައުރު ފަށާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ނިންމުން ހާމަކުރައްވާފައިވަނީ ބަންޑާރަ ނައިބު އަހްމަދު އުޝާމް އެވެ.
މިހާރު އޮތް ގޮތުންނަމަ ރިޔާސީ ދައުރު ފަށަނީ ނޮވެމްބަރު 17 ގަ އެވެ. މީގެ ކުރިން ރިޔާސީ ދައުރަށް އާ ރައީސަކު ހުވާ ކުރައްވަނީ ޖުމްހޫރީ ދުވަހުގަ އެވެ.
އުޝާމް ވިދާޅުވީ ސަރުކާރުން މިގޮތަށް ވިސްނި ނަމަވެސް، މިކަމުގައި އާންމުންގެ ހިޔާލު ހޯދައިގެން ނޫނީ މި ނިންމުން ތަންފީޒެއް ނުކުރާނެ އެވެ.
”އަޅުގަނޑުމެން ހުށަހަޅަން ގަސްތުކުރާ އިސްލާހެއް އެއީ ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮޮވެމްބަރު 11 ކަމަށް ކަނޑައެޅުމަށްޓަކައި، ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާނަން. މި ދެންނެވި އިސްލާހަކީ އެ އިސްލާހު ގެނައުމަށްޓަކާ ޕަބްލިކް ރިޕެރެންޑަމްއަކަށް ދާންޖެހޭ ކަހަލަ އިސްލާހެއް ކަމަށްވާތީ މި ކަހަލަ އިސްލާހުތައް އަޅުގަނޑުމެންނަށް ކުޑަކުޑަ ވަގުތުކޮޅެއް ނަގައިގެން އެކަން ކޮށްލެވޭނީ،“
2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ހުވާކުރެއްވުން 17 ނޮވެމްބަރަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ރިޔާސީ ދައުރު ފެށެނީ މި ދުވަހު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ރައީސްކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.
ރައީސް ޞާލިހުވެސް ރިޔާސީ ދައުރު ފެށޭ ތާރީހު ނޮވެމްބަރު 11 އަށް ބަދަލުކުރައްވަން ހިޔާލު ފާޅުކުރެއްވި އެވެ. ނަމަވެސް އެކަން ދުވަހަކުވެސް ތަންފީޒު ނުކުރެވި، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހުވާ ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.



