އެމްޑީޕީން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ފައިސާއަށް ހަދަނީ ހިތު ހުރި ގޮތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝުޖާއުގެ ޕޯސްޓުގައި ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ކޮޅެއްވެސް ހިމަނާފަ އެވެ.
ޝުޖާއު ވިދާޅުވީ މަޖިލީހުން ބަޖެޓު ފާސް ކުރަނީ އޭގައިވާ ގޮތަށް ހަރަދުތައް ކުރުމަށް ކަމަށާއި ޕީޕީއެމް އާއި ޕީއެންސީންވެސް އިދިކޮޅުގައި ތިބެގެން ދެއްކީ ހަމަ މިވާހަކަ ކަމަށެވެ. އަދި ހިތު ހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުވައެއް ނުލެވޭނެކަމަށް ޝުޖާއު ވިދާޅުވި އެވެ.
މަޖިލީހުން ބަޖެޓު ފާސްކުރަނީ އޭގައިވާގޮތައް ހަރަދުތައް ކުރުމަށް. އަޅުގަނޑުމެންވެސް އިދިކޮޅުގައި ތިބެގެން ދެއްކީ ހަމަ މިވާހަކަ. ހިތުހުރިގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާބުރުވައެއް ނުލެވޭނެ. އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ފައިސާއަށް ހަދަނީ ހިތުހުރިގޮތެއް.
ޝުޖާއުގެ ޕޯސްޓްގައި ހިމަނާފައިވާ ރައީސް ނަޝީދުގެ ވީޑިއޯގައި ރައީސް ނަޝީދު ވަނީ ދައުލަތުގެ ބަޖެޓާ ގުޅޭ ވާހަކަތައް ދައްކަވާފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އޮންނާނީ މަޖިލީހުން ފާސް ކުރީމާ އެ ކުރާ މިންވަރަކަށް ކަމަށާއި ބޭނުން ކުރެވޭނީ ފާސްކޮށްފައިވާ ކަމަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުން އެދިވަޑައިގަންނަވާކަންކަމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމެއް ނޯންނަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އިބްރާހުމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ކޭޝް ފްލޯއެއް ބަލަހައްޓަންވެސް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު އެމްޑީޕީ


