ޕޭޕަލްގެ ހިދުމަތް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިގޮތަށް ވިދާޅުވީ ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު ޖެން މޯލްޑިވްސް މާލޭ ބައި ޝަންގްރިއްލާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެމެރިކާއަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އެހީތެރިވާ ގައުމެއް ކަން ފާހަގަކުރައްވާފަ އެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. މީގެ އިތުރަށްވެސް، އެމެރިކާއިން ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު އެމެރިކާއާއި ރާއްޖެއާއި ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް (ޓީފާ އެއްބަސްވުން) މަޝްވަރާތައް ކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
ސަރުކާރުން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމުގެ އަމާޒަކީ ވަރަށް އުންމީދީ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ހިދުމަތް ރާއްޖެއަށް ތައާރަފްކުރެވިއްޖެނަމަ އިގްތިސާދީ ގޮތުން ފުޅާ ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.
”މިނިސްޓަރު ސައީދު ދަނީ މެދުކެނޑުމެއްނެތި ޕޭޕަލް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން“
އެއާއެކު، އެމެރިކާ ވީޒާ ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރު އެދިވަޑައިގެންފައި ވެއެވެ. މިހާރު ދިވެހިން މި ހިދުމަތް ހޯދުމަށް ސްރީ ލަންކާއަށް ދާންޖެހޭ ގޮތަށް އޮތް ނިޒާމު ބަދަލުކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައި ވެއެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖެ - އެމެރިކާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕޭޕަލްގެ ހިދުމަތް


