ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމުގެ ޕްރޮޕޯޒަލް ހުށަހަޅައިފި އެވެ.
މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރޭ ދައުލަތުގެ މީޑިއާ ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަަމުން ސައީދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ދޭން ފެއްޓޭނެ ސީދާ ދުވަހެއް ޔަގީން ނޫން ކަމަށެވެ. ނަމަވެސް، މިނިސްޓަރު ސައީދު ވިދާޅުވީ ފުލް ޕްރޮޕޯސަލް މީގެ ތިން ދުވަސް ކުރިން ޕޭޕަލް އަށް ފޮނުވާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،“
އޮގަސްޓް 22 ވަނަ ދުވަހު މިނިސްޓަރު ވަނީ ޕޭޕަލްގެ ގްލޯބަލް މާކެޓިން ޕްރެޒިޑެންޓް ހިމެނޭ ގޮތަށް ޕޭޕަލްގެ އިސް އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވައި، ރާއްޖޭގައި ޕޭޕަލް ތައާރަފްކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވާފަ އެވެ.
ރާއްޖޭގައި ޕޭޕަލް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ވަނީ ޔޫ.އެސް.އޭ ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްފަ އެވެ.
ސައީދު ވިދާޅުވީ ދާދި ފަހުން ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގައިވެސް ޕޭޕަލް ގެނައުމަށް އެމެރިކާގެ އޮފިޝަލުންގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
ޕޭޕަލްގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ މާކެޓުގެ އިތުރު ތަފްސީލުތައް އެމީހުންނަށް އަންގާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުން ފަސޭހަ ކުރުމަށް އުފައްދާފައިވާ އީ-ވޮލެޓް އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ފުދޭވަރަކަށް މަގުބޫލު ނަމަވެސް މިވަގުތު މި އެޕްލިކޭޝަންގެ ބޭނުން ރާއްޖޭގައި ހަމައެކަނި ކުރެވެނީ ބިދޭސީން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ރާއްޖޭގައި ހަމަޖެހިފައި އަދި ނެތެވެ.


