ރައީސް ޑރ. މުހަައްމަދު މުއިއްޒުއަށް ފުރައްސާރަކުރުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ހިތްވަރުދޭތީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެކަމަށްޓަކައި ޔާމީނަށް ފާޑުވިދާޅުވެއްޖެ އެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މަމްދޫހު މިގޮތަށް ވިދާޅުވީ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު މުހައްމަދު ޖަމާލް ރައީސް މުއިއްޒަށް ނިސްބަތްކުރައްވާފައި ދެއްކެވި ވާހަކައަށް ޔާމީން ’އަތްޖަހަން‘ ހުރުމާއި ގުޅިގެން ނެވެ. މަލީހު ރައީސްއަށް ފުރައްސާރަވާ ޒާތަށް ވާހަކަދެއްކެވީ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.
މަމްދޫހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ސިޔާސީ ގޮތުން ބިނާ ކުރުވަނިވި ފާޑު ކިޔުން ގޯހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އަދުގެ ރަޢީސުލް ޖުމްހޫރިއްޔާއަށް އަދި މިދުނިޔޭގައި ނެތް، މެޑަމް ސާޖިދާގެ މަންމާފުޅުގެ ނަންފުޅު ބޭނުން ކުރައްވާ، ރޯބުހުތާނު ދޮގު ހަދާ، ފުރައްސާރަކޮށް ޖޯކު ޖަހާ ހެދުމަކީ ބަލައިގަނެވޭނޭކަމެއް ނޫން ކަމަށް މަމްދޫހު ވިދާޅުވި އެވެ.
”ދުނިޔޭގެ އެދުންވެރިކަން ބޮޑުވެ، އަދާވަތްތެރިކަމާއި ނަފްރަތާއި ހަސަދައިގެ އަލިފާން ހިތުތެރާގައި އަނދަމުން ގޮސް އިންސާނާވެއްޓޭނެ، އެންމެ ދަށު ދަރަޖައަށް، ކުރީގެ މިނިސްޓަރުކަން ކޮށްފައިތިބި، މިކަހަލަ ފަރާތްތަކުން، ވެއްޓޭކަމީ، މުޅިރާއްޖެ ލަދުވެތިވާނެ ކަންކަން. ހިތާމަޔަކީ، އަދި ދެރަޔަކީވެސް، ވެރިކަމާއި ބާރުވެރިކަމަކީ، މާތް الله ދެއްވާ އެއްޗެންކަން ހަނދާންނެތި، ކުރީގައި ވެރިކަން ކުރެއްވި ބޭފުޅެއް، މިކަންކަމަށް ހިތްވަރުދީ، އަމަލީ ގޮތުން މިކަމުގައި ބައިވެރިވެ، އަތް ޖަހަން އިނުން“
ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަލީހު ވަނީ މެޑަމް ސާޖިދާގެ މަންމާފުޅު ދެއްކެވި ކަމަށް ބުނާ ވާހަކައެއް ވިދާޅުވެފަ އެވެ. މަމްދޫހު ވަނީ މަލީހުގެ އެވާހަކަތައް ދޮގުކުރައްވާފަ އެވެ. މަލީހު ވަނީ ފަސްޓް ލޭޑީގެ މަންމާފުޅު ރައީސް މުއިއްޒަކީ ”ދިގު، ކަޅު“ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ އެމަނިކުފާނާއި ސާޖިދާ ކައިވެނި ބެއްލެވުމާއި ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު



