އީރާންގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަން ރައީސްކަމަށް ހުވާކުރައްވާ ރަސްމިއްޔާތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އީރާނަށް ވަޑައިގެންފި އެވެ.
ނައިބު ރައީސް މިއަދުގެ ވަގުތެއްގައި އީރާނަށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ. އަދި މިއީ އިރާންގެ އައު ރައީސް، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު އިރާނަށް ކުރެއްވާ ދަތުރުފުޅެކެވެ.
ނައިބު ރައީސް މި ދަތުރަށް ވަޑައިގަތީ ޕެރިސްގައި އޮތް އޮލިމްޕިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބައްލަވަން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.
އިރާންގެ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.
އީރާންގެ އާ ރައީސްގެ އެންޑޯސްމަންޓް ހަފްލާގައި ވާހަކަދައްކަވަމުން އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ އީރާންގެ ހާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކުގައި އެގައުމުގެ އަވަށްޓެރިންނާއި އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ އިތުރުން އީރާނަށް ”ސަޕޯޓްކޮށް އެހީތެރިވެދީފައިވާ“ ގައުމުތަކަށް އިސްކަން ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ހިތުގެ ސާޖަންއެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރެއްވި ޕެޒެޝްކިއާން އީރާންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ މެއި މަހު ހިނގި ހާދިސާއެއްގައި ކުރީގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެވަޑައިގަތުމާއި ގުޅިގެން ނެވެ. ރައީސީ އަވަހާރަވެވަޑައިގަތީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގަ އެވެ.
ރާއްޖެއިން އީރާނާއިއެކު ހާރިޖީ ގުޅުން އަލުން ގާއިމުކުރީ 10 މާރޗް 2023 ގަ އެވެ.


