މެލޭޝިއާ މަގުން އެގައުމުގެ މީހަކު ލައްވާ ރާއްޖެއަށް އެތެރެކުރަން އުޅުނު 15.38 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް ސާވިސްއިން މި މައުލޫމާތު އާންމުކުރީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރަމުން ކަސްޓަމުން ބުނީ މެލޭޝިޔާ މީހާގެ ލަގެޖް ތެރޭގައި ގާނޫނާއި ގަވާއިދާއި ހިލާފު ކަމަށް ބެލެވޭ އެއްޗެއް ހުރި ކަމަށް އެ މުއައްސަސާގެ މުވައްޒަފުންނަށް ޝައްކު ކުރެވުނު ކަމަށެވެ. ކަސްޓަމްސްގެ ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިޔާ ފިރިހެނެއްގެ ލަގެޖް ބަލައިފާސް ކުރުމުގެ ތެރެއިން ކަމަށެވެ. އުމުރުން 44 އަހަރުގެ މި މީހާގެ ލަގެޖުން ފެނުނު ތަކެތި ކަސްޓަމްސްއިން ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައި ކަމަށް އަފްޒަލް ވިދާޅުވި އެވެ.
”މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއާއި ގާތްކުރޭ“
މި ކޭސްއާއި ގުޅިގެން ކަސްޓަމްސްއިން ބުނީ އެ ފަސިންޖަރު ދަތުރުކުރަން އުޅުނު ރޫޓްއާއި ބެހޭގޮތުން ކަސްޓަމްސްއަށް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ބެންގްކޮކް-ދުބާއީ، ދުބާއީ އިން މާލެއަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އޭނާ އަތުގައި ފޭކް ޓިކެޓެއް އޮތް ކަމަށް ކަސްޓަމްސްއިން ފާހަގަކުރި އެވެ. މި މީހާގެ ދަތުރު ހަމަޖައްސާފައި ވަނީ މާލޭގައި މަޑުކުރުމަށް ފަހު އެނބުރި މެލޭޝިއާއަށްދާ ގޮތަށް އަފްޒަލް ވިދާޅުވި އެވެ.
މިއީ މެލޭޝިއާ ފަސިންޖަރަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުރަތަމަ ފަހަރު ކަމަށް ކަސްޓަމްސްއިން ފާހަގަކުރި އެވެ. އަދި ބަރުދަނުގެ ގޮތުން ކަސްޓަމްސްއިން މިއަހަރު އަތުލައިގަތް އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެތި އޭނާ އަތުން އަތުލައިގަނެވުނު ކަންވެސް ކަސްޓަމްސްއިން ފާހަގަކުރި އެވެ.
މި މައްސަލައިގައި ޖުމުލަ ހަތަރު ގައުމެއްގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރި އެވެ. އޭގެ ތެރޭގައި 41 އަހަރުގެ މެލޭޝިޔާ ފިރިހެނެއްވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މެލޭޝިއާ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
ދިވެއްސެއްގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން މިހާތަނަށް އަދި ހޯދިފައި ނެތްއިރު، އެކަމާ މެދު އަދި ވަކި ގޮތެއް ކަމާ ގުޅުންހުރި އިދާރާތަކުން ނިންމާފައެއްނުވެ އެވެ.
މި އޮފަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަސްޓަމްސް އާއި ފުލުހުންނާ ގުޅިގެން ނެވެ.



