ރާއްޖޭގެ އިކޯސިސްޓަމް އެޓްލަސް އެކުލަވާލުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި ގްރޫޕް އޮފް އާރތް އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި އެންވާރަމެންޓް މިނިސްޓްރީން ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ނަމަކީ ”ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓަރ ފޮރ ދަ މޯލްޑިވްސް“ ކަމަށް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.

މި އެމްއޯޔޫގައި ސޮއިކުރުމާއެކު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެ އެވެ. މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ އެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި، ސަރުކާރުން ފަހަކަށްއައިސް އިއުލާންކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް މި އެޓްލަސް މުހިންމު ދައުރެއް އަދާކުރާނެ އެވެ.

ގައުމީ ފެންވަރުގައި ގުދުރަތީ ޕާކުތަކާއި، ބަޔޯސްފިއަރ ރިޒާވްތަކާއި، އިކޯޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވަރކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކޮށްފައި ވެއެވެ. މި އެޓްލަސްގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.

 

މި މަޝްރޫއުގެ ދަށުން އެކުލަވާލެވޭ އެޓްލަހުގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި، އެ ސަރަހައްދުތަކުގެ މައުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއު ކުރިއަށްގެންދާނީ ޔޫ.އެސް.އޭ.އައި.ޑީގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައި.ޔޫ.ސީ.އެން އާއި ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށެވެ.

މިނިސްޓްރީން ވިދާޅުވީ ގޮނޑުދޮށާއި ކަނޑުގެ ވެށްޓަށް ބަރޯސާވާ މިންވަރު ބޮޑު ގައުމަކަށްވާތީ، މިފަދަ އެޓްލަހެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް މި އެޓްލަސް އިން އެހީތެރިވެދޭނެ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ޕައިލެޓް ގައުމެއްގެ ގޮތުގައި ރާއްޖެ ހޮވި ކަމަށްޓަކައި ޖީ.އީ.އޯ އަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޖީ.އީ.އޯ އާއެކު ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވި އެވެ.

 

 

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ