ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމްއެންޔޫ ގަމު ކެމްޕަހުގައި ގާއިމުކޮށްފައިވާ އަހުރަ ގޮފި ގުޅިގެން ކުރިޔަށްގެންދާ ”އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކްލަބްތަކަށް ހުޅުވާލައިގެން ލ.ގަމުގައި ބާއްވާ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެކެވެ. އެގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރަތުން ވަނީ 2017، 2018 އަދި 2019 ވަނަ އަހަރު ކަމިޔާބުކަމާއެކު މި މުބާރާތް ނިންމާލާފަ އެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭއިރު، މި މުބާރާތަކީ ލ. އަތޮޅަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ. އެހެންކަމުން، މި މުބާރާތުގައި ކުޅެވޭނީ ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަ ށެވެ. ނަމަވެސް، މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން، އަތޮޅުން ބޭރު ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ހިމެނޭނެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު، އެމް.އެން.ޔޫ.އެސް.ޔޫގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދެ ޑިވިޝަނުންވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އިސްކަންދަރު އެއާ ބޭސް އިންނެވެ.



