ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަކަށް ރާއްޖޭގެ ޕާސްޕޯޓް ރޭންކްވެއްޖެ އެވެ.
ރާއްޖެއަށް އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ލިބިފައިވވަނީ ހެންލީ ޕާސްޕޯޓް އިންޑެކްސް އިން އާންމުކޮށްފައިވާ ލިސްޓުން ނެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސް އަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން އެއްކުރާ މައުލޫމާތަށް ބަލައިގެން ޕާސްޕޯޓްތައް ރޭންކް ކުރާ އިންޑެކްސް އެކެވެ.
އެ ލިސްޓުގައިވާ ގޮތުން ރާއްޖެ އޮތީ 52 ވަނައިގައ އެވެ. އެއީ އެ ލިސްޓުގައި ހިމެނޭ 227 ގައުމުގެ ތެރެއިން ނެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 58 ވަނަ ރޭންކް ގަ އެވެ. މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ ދަށުން ދިވެހިންނަށް 94 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވޭނެ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށް އެންމެ ވަރުގަދަ ޕާސްޕޯޓަކީ 82 ވަނައިގައި އޮތް އިންޑިއާގެ ޕާސްޕޯޓެވެ. އިންޑިޔާގެ ޕާސްޕޯޓުގައި ވިސާއާއި ނުލާ 58 ގައުމަކަށް ދަތުރުކުރެވޭނެ އެވެ.
މިއަހަރު ދުނިޔޭގެ ފެންވަރުގައި އެންމެ ވަރުގަދަ ޕާސްޕޯޓަކީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ސިންގަޕޫރުގެ ޕާސްޕޯޓުގެ ދަށުން ވިސާ ނެތި 195 ގައުމަކަށް ދަތުރުކުރެވޭނެ އެވެ.



